
ރާއްޖޭގެ ބޭންކިން ސެކްޓަރުގެ ފައިދާ މިދިޔަ އަހަރު 14ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭއިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ބޭންކިން ދާއިރާގެ ޖުމްލަ އެސެޓް މިދިޔަ އަހަރު 17އިންސައްތަ އިތުރުވެ، 111ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.0ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މި ރިޕޯޓުގައިވާ ގޮތުން ބޭންކިން ދާއިރާއަށް ލިބުނު މި ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ބޭންކުތަކުގައި ފައިސާ ޖަމާކުރި މިންވަރު ނުވަތަ ޑިޕޮސިޓްސް 21އިންސައްތަ އިތުރުވުމެވެ. އަހަރު ނިމުނުއިރު ޑިޕޮސިޓްގެ ގޮތުގައި 12.9ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭންކުތަކުން ދޫކޮށްފައިވާ ސާފު ލޯނުގެ މިންވަރު ވަނީ 19އިންސައްތަ އިތުރުވެފައެވެ. މިއާއެކު ބޭންކުތަކުގެ ޖުމްލަ މުދަލުގެ 40އިންސައްތަ ހިއްސާކުރަނީ ލޯނު ތަކެވެ. މީގެ އިތުރުން ސަރުކާރުގެ ޓްރެޜަރީ ބިލްތަކަށް ކުރި އިންވެސްޓްމަންޓްތައް 23އިންސައްތަ އިތުރުވެ، 26.3ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.
މި ރިޕޯޓް ދައްކާ ގޮތުން ބޭންކުތަކަށް ނުލިބި ހުރި ލޯނު ނުވަތަ އެންޕީއެލް ގެ އަދަދު މިދިޔަ އަހަރު 7އިންސައްތަ އިތުރުވި ނަމަވެސް، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ބޮޑުވުމާ ގުޅިގެން ނިސްބަތުން އެންޕީއެލް ވަނީ 4އިންސައްތައިން 3އިންސައްތައަށް ދަށްވެފައެވެ. އަދި ލޯނު ނުދައްކައިފި ހާލަތެއްގައި ބޭނުންކުރުމަށް ބަހައްޓާފައިވާ ޕްރޮވިޜަންސް ވަނީ 2.2ބިލިއަން ރުފިޔާ އަށް އިތުރުކޮށްފައެވެ.

