
މަގުމަތީ ތަޅުދަނޑި ޖަހާފައި ހުރި ބަގީއަކަށް އަރައިގެން އަމިއްލައަށް ދުއްވާފައި ގޮސް މޫދަށް ވެއްޓި، އެ ކުޑަކުއްޖާ ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ އދ. ހަންޏާމީދުގަ އެވެ. ހަންޏާމީދޫން ވާހަކަ ދެއްކި މީހަކު ‘ދެން އޮންލައިން’އަށް ބުނީ އެ ހާދިސާގައި ނިޔާވި އުމުރުން 14 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީޝް އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނީހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވި 14 އަހަރުގެ ކުއްޖަކު ބަގީއާއެކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު އިއްޔެ ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި މޫދަށް ވެއްޓުނަ ނުދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގުމާއެކު، އެ ސަރަހައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

