
މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޖުލައި 16ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 8.4 އިންސައްތަ އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި މިހާރު ޖުމްލަ 68,282 އެނދު އޮޕަރޭޝަންގައި ހުރި އިރު ޖުމްލަ 185 ރިސޯޓު އެބަ އޮތެވެ. މީގެ ތެރެއިން 179 ރިސޯޓުން ފަތުރުވެރިންނަށް ހިދުމަތް އަންނަނީ ދެމުންނެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 27 ގެ ނިޔަލަށް 1،229،419 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 72.9 އިންސައްތަ ނުވަތަ 877,914 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

