
ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއަރުވައި، ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދެމެހެއްޓުމަށްޓަކައި ވިޒިޓް މޯލްޑިވްސް (ވީއެމްސީ)އިން “މޯލްޑިވިއާނާ”އާ ގުޅިގެން ޚާއްޞަ ޑިޖިޓަލް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.
މި 2026މޭ 15އިން ޖޫން 15ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ބާރުވެރިކުރުމެވެ. މީގެ އިތުރުން، އޮންލައިން މީޑިއާތަކުގައި ދިވެހިރާއްޖެއާ މެދު އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި، ރަޝިޔާގެ ފަތުރުވެރިން ރާއްޖޭގެ ރަސްމީ ފަތުރުވެރިކަމުގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ކެމްޕޭނުގައި ބައިވެރިވާ މޯލްޑިވިއާނާ އަކީ 1994ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ރަޝިޔާގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ، އަދި މާލެއާއި މޮސްކޯގައި އޮފީސްތައް ގާއިމުކޮށްފައިވާ ތަޖުރިބާކާރު ޓްރެވަލް އޮޕަރޭޓަރެކެވެ.
މި އިސްނެގުމުގެ ދަށުން، ރަޝިޔާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ އިސްކަންދޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް ސިފަކޮށްދޭ ކޮންޓެންޓްތައް ދައްކާލުމަށް ވަނީ ރޭވިފައެވެ. އަދި އަމާޒުކުރެވިފައިވާ ޑިޖިޓަލް އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކުގެ އެހީގައި ރަޝިޔާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުންވެސް ހިމެނެއެވެ. މި ހަރަކާތްތަކުގެ ސަބަބުން ރަޝިޔާ މާކެޓުން ރާއްޖެއަށް ބުކިންގްސް ހަދާ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރަޝިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން 14މޭ 2026ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މިއަހަރުގެ އެ މުއްދަތުގެ ނިޔަލަށް ރަޝިޔާއިން 112,718ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 13.4އިންސައްތައެވެ. ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި މުނިފޫހިފިލުވުމާއި، ލަގްޒަރީ އަދި ތަފާތު ތަޖުރިބާތައް ހިމޭނޭ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮންނައިރު، ދިވެހިރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް އެފަރާތްތަކުން އެންމެ އިސްކަންދޭ އަދި އިތުބާރުކުރާ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންކަމުން، މި ކެމްޕޭނަކީ އެ މާކެޓުގައި ރާއްޖޭގެ ހިއްސާ ވަރުގަދަކޮށް ހިފެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

