
ދިވެހިރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ގ. ލިފަދޫ، މުޙައްމަދު ރާމިޒް އުމުރުފުޅުން 74 އަހަރުގައި އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ރައީސް އާންމުކުރެއްވި ޝުޢޫރުގައި، މުޙައްމަދު ރާމިޒަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައާއި އާންމު މަޖިލީހުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން، ޤައުމުގެ އިޤުތިޞާދުގެ މައިގަނޑު ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށާއި ވިޔަފާރީގެ ރޮނގުން އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ… pic.twitter.com/HUMxGGQ2DM
— Dr Mohamed Muizzu (@MMuizzu) May 9, 2026
މި ފުން ހިތާމައިގެ ދަނޑިވަޅުގައި، މަރްޙޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ. އުމުރުފުޅުން 74 އަހަރުގައި މުޙައްމަދު ރާމިޒް އަވަހާރަވިއިރު، އެ ބޭފުޅާގެ މައްޗަށް ކަށުނަމާދު ކުރުން ހަމަޖެހިފައި ވަނީ މިއަދުގެ އަޞުރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައެވެ.

