
ބިނާކުރަނިވި ފާޑުކިޔުމާއި ނޫސްވެރިކަމުގެ ނިވަލުގައި ތިބެ ދޮގު ޚަބަރު ފަތުރައި މީހުންގެ އަބުރު ކަތިލުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ފާހަގަކުރައްވައި، ޒިންމާދާރުކަމާ އެކު ޚަބަރު ފެތުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހަގީގަތާ ޚިލާފު ތުހުމަތުތަކެއްކޮށް ‘އަދަދު’ ނޫހުން ގެނެސްދިން ވީޑިއޯއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އިދާރާއަށް ވަދެ ހިންގި ތަޙުޤީޤާ ގުޅިގެން އުފެދިފައިވާ ބަޙުސްތަކަށް އިޝާރާތްކުރައްވަމުންނެވެ. މިގޮތުން، ކާކުކަން ނޭނގޭ އަންހެނަކު ލައްވައި ރައީސްގެ މައްޗަށް ޤަޛުފުކުރި މައްސަލައަށް އަލިއަޅުވާލައްވަމުން، ޑރ. ޝަހީމް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވިޔަސް، އެއީ އެހެން މީހުންގެ ކަރާމާތަށް އަރައިގަތުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ.
ދައުލަތުން ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ދޭންޖެހޭނެކަން ގަބޫލުފުޅުކުރައްވާކަން ހާމަކުރައްވަމުން ވަޒީރު ވަނީ، މުޖުތަމަޢުގެ ނޭދެވޭ ކަންކަން އިސްލާޙުކުރުމުގައި މީޑިއާގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އިސްލާމްދީނުގެ އުޞޫލުތަކާއި ޤާނޫނީ އިމުން ބޭރުވެ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނޫސްވެރިކަން ބޭނުންކުރުމަކީ މުޅި މުޖުތަމަޢުއަށް އޭގެ ގެއްލުން ފޯރާނެ ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. ހަމައެހެންމެ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވާ އަހަންމިއްޔަތުކަން، ކޮންމެ ހަފުތާއަކު މީޑިއާއާ ބައްދަލުކުރައްވައި ސީދާ ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުން ސާބިތުވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ފަހަކަށް އައިސް ބައެއް މީޑިއާތަކާއި މީސްމީޑިއާގެ މަންސަތަކުން، ރައީސާއި ވަޒީރުންގެ އިތުރުން އެބޭފުޅުންގެ ޢާއިލާތަކަށް އަމާޒުކޮށް ހުތުރު ބަހުރުވައިން ވާހަކަދައްކައި، ދޮގު މަޢުލޫމާތު ފަތުރަމުންދާ ދިއުން ވަޒީރު ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. މިއީ މީގެ ކުރިން ދިވެހި ނޫސްވެރިކަމުގެ ތާރީޚުގައި ފެނިފައިވާ ފަދަ ދަށުދަރަޖައިގެ އަމަލުތަކެއް ނޫންކަމަށް ވިދާޅުވެ، މީހެއްގެ އެންމެ އަގުބޮޑު މިލްކުކަމުގައިވާ އެމީހާގެ އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތީ އެއް މަޤުޞަދުކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ނަންގަވަމުން އެމަނިކުފާނު ވިދާޅުވީ، ޒާތީގޮތުން ދިމާކުރުމާއި ދޮގު ހެދުމަކީ ދީނީގޮތުންވެސް ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށެވެ.
ލިޔުން ނިންމާލައްވަމުން ވަޒީރު ވަނީ، ބިނާކުރަނިވި ފާޑުކިޔުންތަކާއެކު ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ނޫސްވެރިންގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ، އިސްލާމްދީނާއި ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި، މުޖުތަމަޢުގެ މަސްލަހަތު އިސްކޮށްގެންކަމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

