
މިއަދު ނިޔާވި ރާއްޖޭގެ ޑިވޮލޮޕްމަންޓަލް ޕިޑީޓްރިޝަން އައިމިނަތު ފަޒްނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 47އަހަރުގައި ފަޒްނާ މިއަދު ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ފަޒްނާއަކީ އޯޓިޒަމްފަދަ ކަންކަން ދެނެގަތުގެ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު އެކްސްގައި ވަނީ ފަޒްނާގެ އާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުންނަށް އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
“މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި ލަހައްޓަވާށި! އާމީން”ރައީސް އިތުރަށް ވިދާޅުވިއެވެ.
ނެޝެނަލް ޔުނިވަސިޓީ އޮފް މެލޭޝިއާގެ އިތުރުން އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ތަމްރީންވުމަށް ފަހު ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަންއެއްގެ ގޮތުގައި ފަޒްނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެެއްޓެވީ 2024ވަނަ އަހަރުއެވެ.
ފަޒްނާއަކީ އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އެކި ކަހަލަ ޑިވޮލޮޕްމަންޓަލް ޑިސްއޯޑާތަކުގެ ފުރިހަމަ ޑައިގްނޯސްޓިކް އެސެސްމަންޓް ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެކެވެ.

