
ފަހަކަށް އައިސް ރާއްޖޭގެ މުޖުތަމައުގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ މީހުން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ ވުޒާރާއިން އާންމުކުރެއްވި ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި އުޅޭ މީހުންނަށް ދުވަހުގެ ކޮންމެ ވަގުތަކުވެސް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ހިލޭ ގުޅޭ ނަންބަރު 1677އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ. އެހެންކަމުން ނަފްސާނީ ހާސްކަމެއް ކުރިމަތިވެއްޖެނަމަ ފަސްނުޖެހި މި ޚިދުމަތުގެ ބޭނުން ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.
ނޫސްބަޔާން pic.twitter.com/sTbnLLnxsn
— Ministry of Health, Family and Welfare (@MoHmv) April 24, 2026
މީގެ އިތުރުން، މީސްމީޑިއާގެ އެކި މަންސަތަކުގައި ކަށަވަރުނުވާ މަޢުލޫމާތާއި، ހިތްދަތި މަންޒަރުތައް އަދި ދޮގު ވާހަކަތައް ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އާންމުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. ސަބަބަކީ އޭގެ ސަބަބުން ނަފްސާނީ ބަލިކަށިކަން ތަހައްމަލުކުރާ މީހުންނަށާއި، ހިތާމަވެރި ހާދިސާތަކުގައި ނިޔާވާ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭވަރުގެ ފުން ހިތާމައަކާ ކުރިމަތިލާންޖެހޭތީއެވެ.
މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފިތުނަ އުފެދޭ ވާހަކަތަކުގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރުދީ، އޯގާތެރިކަން އިސްކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މާހިރުންނާއި މުއައްސަސާތައް ގުޅިގެން ރައްކާތެރި އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

