
ހދ. ހިރިމަރަދޫ މީހުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވުމަށް ބޭނުންވާ ބަޔަކު ތިބި ނަމަ ނަން ނޯޓު ކުރުމަށް ހދ. ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ 1 ފެބްރުއަރީ 2025 ގައެވެ. އެ ކަމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށް، ހިރިމަރަދޫ މީހުން ހޯރަފުއްޓަށް ހިޖުރަކުރުމަށް ދައުވަތު ދިނުމަށް އެ ރަށު ކައުންސިލުން ރަސްމީ ޖަލްސާއަކުން މިދިޔަ މާޗް މަހު ނިންމާފައިވެއެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން އިއްޔެއިން ފެށިގެން ތިރީސް ދުވަހުގެތެރޭގައި ނަންނޯޓު ކުރުމަށެވެ. ނަންނޯޓު ކުރުމަށް ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ) ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާއަށް ގޮސްގެން ނުވަތަ އީމެއިލް މެދުވެރިކޮށް ލިޔުމަކުން ވެސް ނަންނޯޓު ކުރެވޭނެ ކަމަށާއި ނުވަތަ 4002064އަށް ގުޅުމުން ވެސް ނަންނޯޓު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ސަރުކާރުން މިހާރު ވަނީ މީހުން ދިރިއުޅޭ މީހުންގެ ލިސްޓުން ހިރިމަރަދޫ އުނިކޮށްފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިޖުރަކުރަން ބޭނުންވާ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ގިނަވެގެން ދޮޅު އަހަރު ތެރޭގައި ގެ އަޅައި ނިންމައި، ގެތައް ހަވާލުކުރާނެއެވެ.
މިދިޔަ ކައުންސިލް އިންތިހާބުގައި ވެސް ހިރިމަރަދޫ މީހުން ވޯޓު ލާފައި ވަނީ ހަނިމާދޫ ކައުންސިލަށެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރެވެން ދެން ހިރިމަރަދޫ ބަލަނީ ހަނިމާދޫގެ އަވަށެއް ގޮތަށެވެ. އެހެން ނަމަވެސް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ހިޖުރަކުރުމަށް އެ ދެ ރަށުގެ މީހުންގެ ދެމެދު ވެސް ހިޔާލު ތަފާތުވުން ބޮޑެވެ. ހަނިމާދޫ މީހުންނަށް ދޭން ޖެހޭ ގޯތި ހަވާލު ނުކޮށް ހިރިމަރަދޫ މީހުން ގެނެސްގެން ނުވާނެ ކަމަށް ގޮވާލާ އެ ރަށުގައި މުޒާހަރާ ވެސް ކޮށްފައިވެއެވެ.

