
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަންގެ ވޯޓުން، އެ ގޮނޑި މޯލްޑިވިއަން ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކޮށްފިއެވެ.
މި ބައި އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހަތް ފޮށީގެ ތެރެއިން މާލޭގައި ހުރި އެއް ފޮށި ފިޔަވައި ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސޯބެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ފުރަތަމަ ތާވަލުކޮށްފައި އޮތީ ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް، ވޯޓުލުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ކިޔޫގައި ތިބުމާ ގުޅިގެން، ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 އާ ހަމައަށް ވަގުތު އިތުރުކޮށްދީފައެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން މި ބައި-އިލެކްޝަންގައި 62 ޕަސެންޓް މީހުންކަމަށްވާ 2،563 މީހުން ވަނީ 16:00އާ ހަމައަށް ވޯޓުލާފައިވެއެވެ.

