
ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ “ފުލް ކޮންޓެއިނާ ލޯޑް” (އެފްސީއެލް)ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ)އަށް ބަދަލުކޮށް، އެ ޓާމިނަލްގައި މިއަދު އެ ހިދުމަތް ފަށައިފިއެވެ.
ތިލަފުށީގައި މި ހިދުމަތް ފެށީ އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ތިލަފުއްޓަށް ބަދަލުކުރި ފުރަތަމަ އޮޕަރޭޝަނެވެ.
އެންމެ ފުރަތަމަ މި ފެށީ “ޑައިރެކްޓް ޑެލިވަރީ” (ޑީއާރް)ގެ ގޮތުގައި “އެފްސީއެލް”ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ހިދުމަތެވެ. އެހެން ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފަރި ބަނދަރު އަދި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލް އިން ކްލިއަރކުރެވޭނެކަމަށް އެމްޕީއެލްްްއިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރގެ ތެރެއިން، ބޮޑުބައެއް ކްލިއަރކުރަނީ ކަނޑުމަގުންނެވެ. މީގެ ތެރޭގައި ގިނައީ “އެފްސީއެލް” ކޮންޓޭނަރެވެ. މި ވަގުތު ޑީއާރުގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރަނީ ހުޅުމާލެ ޓަރމިނަލްއިންނެވެ. މި އޮޕަރޭޝަންސްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެއްކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި “ލެސް ދެން ކޮންޓޭނާ ލޯޑް” (އެލްސީއެލް)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.

