
ޤައުމު ބިނާކުރުމާއި މުޖުތަމަޢުގެ ލާބައަށްޓަކައި އަންހެނުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ “ރެހެންދި އެވޯޑް”އަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި އެވޯޑަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00އެވެ.
ރެހެންދި އެވޯޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުން އަންހެނުން އަދާކުރާ މުހިންމު ދައުރު ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެކަނބަލުން ބާރުވެރިކުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޝަރަފެކެވެ. މީގެ އިތުރުން، އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ވެސް މި އިނާމުގެ މައިގަނޑު މަޤްޞަދެކެވެ.
މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމްޢިއްޔާތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން، އެ ކޮމިޓީއަކުން އަމިއްލައަށް ނުވަތަ އެ ކޮމިޓީއެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ވެސް ހުށަހެޅިދާނެއެވެ. ނަން ހުށަހަޅާއިރު ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނީ އެންމެ ދާއިރާއަކުންނެވެ.
މި އިނާމު ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:
1. ލީޑަރޝީޕް އަދި ގަވަނަންސް ދާއިރާ
2. އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
3. އިޖްތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
4. އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް (ނޮން-ޓްރެޑިޝަނަލް ރޯލްސް)

