
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ޗައިނާގައި އިތުރަށް ވަރުގަދަކޮށް، ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ގައުމުގައި ޚާއްސަ އޮފީހެއް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގައި މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި މޯލްޑިވިއަންގެ އިސްވެރިންނެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އައު އޮފީހުގެ މައިގަނޑު މަގްސަދަކީ އެ އެއާލައިނުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް، ދަތުރުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމެވެ. މި ފިޔަވަޅާ އެކު، ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށާއި، ރާއްޖެއިން އެ ގައުމަށް ދަތުރުކުރާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ގަބޫލުކުރެއެވެ.
މިހާރު ވެސް މޯލްޑިވިއަންއިން ދަނީ ޗައިނާގެ ތިން ސިޓީއަކަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އަދި އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާ ކަމަށްވުމާ އެކު، މި އޮފީހަކީ އެއާލައިންގެ ވިޔަފާރި ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

