
އާންމު ސިއްހަތު ރައްކާތެރިކުރުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މާހައުލެއް ގާއިމުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް ޖުމްލަ 230 ތަނެއް ބަލައި, ފާސްކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026ވަނަ އަހަރުގެ ސެޕްޓެމްބަރު 1އިން 30އަށް ކުރިއަށްގެންދިޔަ މި އިންސްޕެކްޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ފިހާރަތަކެވެ. އެގޮތުން ބަލައިފާސްކުރި ތަންތަނުގެ ތެރޭގައި 130 ރެސްޓޯރަންޓާއި، ހޮޓާ އަދި ކެފޭގެ އިތުރުން 96 ފިހާރައެއް ހިމެނެއެވެ. މީގެ އިތުރުން އާންމު ސިއްހަތާ ގުޅޭގޮތުން ރައްޔިތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން 4 އިންސްޕެކްޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން އެޖެންސީން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރާ 53 ރެސްޓޯރަންޓާއި ކެފޭއެއްގެ އިތުރުން، 44 ފިހާރައަކަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދުތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމާއި، ވިޔަފާރިތަކުން ލައިސަންސްގެ އުސޫލުތަކަށް ބޯލަނބާތޯ ކަށަވަރުކުރުމެވެ. މީގެ އިތުރުން މިއީ ރައްޔިތުން ހުށަހަޅާ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. އެޗްޕީއޭގެ އަމާޒަކީ އާންމު ހުރިހާ މައިދާންތަކަކީ ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ރައްކާތެރި ތަންތަނަށް ހެދުމެވެ.

