
ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުލަގަދަ ރަސްމިއްޔާތަކާ އެކު އިފުތިތާހުކުރުމަށް ވަނީ ތައްޔާރުވެފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި މައުރަޒު ކުރިއަށްދާނީ ‘ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް’ މި ޝިއާރުގެ ދަށުންނެވެ. މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ ނުވަ ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.
މި އަހަރުގެ މައުރަޒަށް ވަނީ މިދިޔަ އަހަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން 2025ވަނަ އަހަރު 240 ފަރާތަކުން 2,467 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު 419 ފަރާތަކުން 4,400 އަށްވުރެ ގިނަ އުފެއްދުން ވަނީ ހުށަހަޅާފައެވެ. މިއީ އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގެ ބައިވެރިންގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ ދާއިރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނޭ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މީގެ އިތުރުން ކާބޯތަކެތި، މަސްވެރިކަން، ފެޝަން، އައިސީޓީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވެސް ގިނަ އުފެއްދުންތަކެއް ވަނީ ފެނިގެންގޮސްފައެވެ.
މި މައުރަޒުގެ ވާދަކުރުމުގެ ބައިން ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެކި ވަނަތަކަށް ހޮވުނު ފަރާތްތަކުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ “ރަން 5 ވަނަ” ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ ޖުމްލަ 76 އެވޯޑު ހާސިލުކޮށްފައެވެ.
މި އަހަރުގެ އެކްސްޕޯ އިންތިޒާމުކޮށްފައި ވަނީ ހާއްސަ ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އެއީ:
1. ވާދަކުރުމުގެ ބައިގެ އުފެއްދުންތަކަށް ހާއްސަ ޑިސްޓްރިކްޓް.
2. އުފެއްދުންތެރި އިގްތިސާދަށް ހާއްސަ ‘ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް’.
3. ޓެކްނޮލޮޖީއާއި އީޖާދުތަކަށް ހާއްސަ ‘ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް’.
4. ސަގާފީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ‘އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް’.
5. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސް ޑިސްޓްރިކްޓް.
6. ފަތުރުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ‘ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް’.
7. ބައިނަލްއަގްވާމީ ބައިވެރިންނަށް ހާއްސަ ‘އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް’.
ސަރުކާރުން ދެކޭގޮތުގައި މި މައުރަޒަކީ 2040ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު މަންސައެކެވެ. މި އެކްސްޕޯގެ ސަބަބުން ވިޔަފާރިތަކަށް އައު މާކެޓުތައް ފަހިވެ، އިގްތިސާދީ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެއެވެ.

