
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި “ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026″ގައި ދިވެހި ޝެފް މަހާ ނަސީރަށް “ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން” ލިބިވަޑައިގެންފިއެވެ.
ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި މި މަހުގެ 22ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، ދުނިޔޭގެ މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބުއުސް ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މަހާ، 2022ވަނަ އަހަރު “މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް” އިން ދޭ “މާސްޓަރ ޝެފް”ގެ ލަގަބު ވެސް ހާސިލުކުރައްވާފައިވާ ޝެފެކެވެ. މީގެ އިތުރުން މަހާ އަކީ ބައިނަލްއަޤްވާމީ ސެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖްއެކެވެ.

ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑަކީ، ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓްތަކާއި، ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ.
ޝެފް މަހާ ނަސީރު ހޯއްދެވި މި ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަގުބޫލުވެގެންދިޔުމަށް މުހިންމު ފިޔަވަޅެކެވެ.

