
ސަރުކާރުން ފައިސާ ނުލިބިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ބޮޑު ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން ޓެކްސް ކަނޑައިލެވޭނެ (އޮފްސެޓް ކުރެވޭނެ) ނިޒާމެއް ހަމަޖައްސައި، ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ މިންވަރު 1.5 މިލިއަން ރުފިޔާއަށް މަތިކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާންކުރެއްވީ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު”ގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ކުރިއެރުވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، އެ ފަރާތްތަކާ ބައްދަލުކޮށް ހުރި ގޮންޖެހުންތައް އޮޅުންފިލުވައި ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މައިގަނޑު 3 ލުޔެއް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސަރުކާރުގެ މަސައްކަތްތައް ކޮށްދީގެން ފައިސާ ނުލިބި ލަސްވާ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުމެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެ ވިޔަފާރިއަކަށް ދޭންޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭނެ ނުވަތަ އަޅާކިޔައި ކެނޑޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ޓެކްސްއަށް ރަޖިސްޓްރީކުރަންޖެހޭ ތްރެޝޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ދޭ ތިންވަނަ ލުޔެއްގެ ގޮތުން، އުފެއްދުންތެރިކަމަށް ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ.
“އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން މިވަނީ ނިންމާފައި،” ރޯ މެޓީރިއަލްސްގެ ލިސްޓެއް އެކުލަވާލައި އެތަކެތިން ޑިއުޓީ ކަނޑާލާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ބޮޑު އަމާޒަކީ 2030ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިއަހަރުގެ ތެރޭގައި ވެސް ވަނީ އެސްއެމްއީތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނު އިސްލާޙުކޮށް ލުއިތަކެއް ހޯދައިދީފައެވެ.

