
ސައިކަލެއް ކޮންޓުރޯލު ނުވެ، ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 04:29 އެހާއިރު މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓުރޯލު ނުވެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާގައި ކޮންޓުރޯލު ނުވި ސައިކަލު ވަނީ އެ ވަގުތު ބުރިޖު ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައި ޖެހި، ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާވި ފުލުސްމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށައި އޭނާ ވަނީ އެ ވަގުތު ޑިއުޓީގައި ދެންތިބި ފުލުހުން ހުއްޓުވާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
މަގުމަތީގެ ޤަވައިދާ ޚިލާފަށް ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ގެންދަނީ ގިނަ ހަރަކާތްތަކެއް ހިނގަމުންނެވެ. އެގޮތުން މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ.

