
ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ 29ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ 2024ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ގާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ.
އަދި 29ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17ފޮރިން އިންވެސްޓްމަންޓްއަކުން ހުށަހަޅާފައިވާކަމަށް ވެސް މިނިސްޓަރު ބުންޏެވެ.
ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖާ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.
މީގެ އިތުރުން އެކައުންޓިން، އޮޑިޓިން އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފޮރިން އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ 25އިންސައްތަ ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ. އަދި، 100މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްސް އަދި ޖެނެރަލް ސީ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ވެސް ވަނީ ދިވެހީންނަށް ހާއްސަކުރެވިފައެވެ.

