
އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނުގެ ދަށުން އެކުލަވާލި ރޯޑް ސޭފްޓީ ކައުންސިލްގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، އުޅަނދުފަހަރު ދުއްވުމާއި ޕާކުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނަށް ރަސްމީކޮށް އަމަލުކުރަން ފެށީ މި މަސް ފެށުނު ތަނާއެވެ. މި ޤާނޫނުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް “ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް”އެއް އެކުލަވާލަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެ ގާނޫނުގެ ދަށުން އެކުލަވާލައްވާފައިވާ “ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް”ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ވެސް ބުންޏެވެ.
މި އައު ޤާނޫނޫގެ ދަށުން ޓްރެފިކް މައްސަލަތައް މަދުކުރުމަށްޓަކައި ވަނީ “ޑީމެރިޓް ޕޮއިންޓް” ނިޒާމެއް ވެސް ތަޢާރަފުކޮށްފައެވެ. އެގޮތުން ޤަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް އުނިކުރަމުން ގޮސް ވަކި މިންވަރަކަށް ދަށްވުމުން، އެ ފަރާތްތަކަށް ދެން ޖެހޭނީ ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

