
900 އަހަރުވީ ތާރީހެއް އޮންނަ ބ. ކެންދޫގެ އާސާރީ ތަރިކައިން އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ހެރިޓޭޖް މިނިސްޓަރީގައި ކެންދޫ ކައުންސިލްއާއެކު ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައެވެ. ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާން ވަނީ ކެންދޫއަކީ 900 އަހަރުވީ ތާރީޚެއް އޮތް ރަށެއްކަން ފާހަގަކުރައްވައި، ކެންދޫގެ މަގާމުފުޅު ބެލެހެއްޓުމުގައި ކައުންސިލަށް ހުރި ދަތިތައް ބަޔާންކުރައްވާފައެވެ.
ކެންދޫއަކީ ފަތުރުވެރިން ޒިޔާރަތްކުރާ ގިނަ ރިސޯޓްތަކެއް ހުރި ސަރަހައްދެއްކަން ފާހަގަކުރައްވައި ކެންދޫގެ ރައީސް ވިދާޅުވީ، ކެންދޫގައި ހުރި އާސާރީ ތަރިކަތައް ހިމާޔަތްކޮށް ބެލެހެއްޓޭނީ އެތަންތަން އާމްދަނީ ލިބޭނެ ވަސީލަތެއް ގޮތުގައި ހަމަޖެހިގެންކަމަށްވާތީ އެކަމާއި ގުޅިގެން ތަރިކައިން އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ކެންދޫ ކައުންސިލުން ހުށަހެޅި ކަންކަމާ ގުޅިގެން އެ ރަށުގެ ކައުންސިލާ ގުޅިގެން ކުރެވިދާން ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރިކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

