
ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ މައްސަލަތަކުގެ ހޮޓްލައިނާ ގުޅޭގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މަސައްކަތްތަކަށް ބޭނުންތެރި 65 މައްސަލައެއް އާންމުންގެ ފަރާތުން މިހާތަނަށް އެ ހޮޓްލައިނަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެކި ކަހަލަ ޣައިރު ގާނޫނީ މުއާމަލާތްތައް ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، ބޭރުގެ 27 ރައްޔިތަކާއި، ކަމާބެހޭ އިދާރާތަކުގެ ހުއްދައަކާ ނުލައި ފައިސާ މާރުކުރުމުގެ ހިދުމަތްދޭ 18 ތަނެއްގެ މައުލޫމާތު ވަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، އާންމު ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ ހަތަރު ތަނަކާއި، މިފަދަ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދާ 16 އޮންލައިން ޕޭޖެއް ނުވަތަ ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ފުލުހުންނަށް ވަނީ ލިބިފައެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅޭ: pic.twitter.com/I5KioKbhoQ
— Maldives Police (@PoliceMv) September 9, 2026
މިކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އާންމުން ރިޕޯޓުކޮށްފައިވާ އިތުރު ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ކަށަވަރުކުރުމަށް ފަހު، އެފަރާތްތަކާ ދެކޮޅަށް އެޅެންހުރި އެންމެހާ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރު ވެސް ދަނީ ކުރަމުންނެވެ.

