
މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ޚިދުމަތުގައި، އެއްވެސް އަގެއް ނުދީ ހިލޭ ދަތުރުކުރާ މީހުންގެ އަދަދު 300،000އަށް އަރާ ކަމަށް ދައްކައިފިއެވެ.
އެމްޓީސީސީއިން ފޯރުކޮށް ދީފައިވާ މައުލޫމާތުގެ މައްޗަށް ސްޓެޓިސްޓިކް ޑިޕާޓްމަންޓު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން 2025ވަނަ އަހަރުން ފެށިގެން 2026ވަނަ އަހަރާ ދެމެދު އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފަހަކަށް އައިސް މަހެއްގެ މައްޗަށް 300,000އަށްވުރެ ގިނަ މީހުން ވަނީ ބަހުގެ ޚިދުމަތް ހިލޭ ހޯދާފައެވެ.
މިއީ މުޅި ނިޒާމުގައި ވެސް އެންމެ ބާރުބޮޑު ކަމަށް ފާހަގަކުރެވޭ މާލެ-ހުޅުމާލެ މައި ރޫޓުގައި ޓިކެޓް ނަގައިގެން ދަތުރުކުރާ މީހުންގެ އަދަދާ އެއްވަރުގެ، އަދި ބައެއް މަސްމަހު އެއަށްވުރެވެސް މަތީ އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސްމަހު 200,000އަށްވުރެ ގިނަ މީހުން ހިލޭ ދަތުރުކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ހިލޭ ދަތުރުކޮށްފައިވަނީ މި އަހަރުގެ އެންމެ ފަހުގެ މަސްތަކުގައެވެ. އެގޮތުން ބައެއް މަސްމަހު މި އަދަދު ވަނީ 280,000އަދި 320,000އަށްވެސް އަރާފައެވެ.
ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެނީ އުމުރުން 65އަހަރުން މަތީގެ މީހުންނަށާއި ކުޑަކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ސްކޫލް ޔުނީފޯމުގައި ދަތުރުކުރާ ދަރިވަރުންނަށެވެ. މި އަދަދުތަކުން ދައްކައިދެނީ މި ފަރާތްތަކުން ދުވަހުން ދުވަހަށް އާންމު ދަތުރުފަތުރުގެ ނިޒާމަށް ބަރޯސާވާ މިންވަރު ބޮޑުވެފައިވާ ކަމެވެ.
މުޅި ނިޒާމަށް ބަލާއިރު ޓިކެޓް ނަގައިގެން އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ މާލެ އާއި ހުޅުމާލެއާ ދެމެދުގައެވެ. މި ރޫޓުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 240,000އާއި 330,000އާ ދެމެދުގެ އަދަދަކަށް މީހުން ދަތުރުކުރެއެވެ. ދެން އެންމެ ގިނަ ބަޔަކު ދަތުރުކުރާ ހުޅުމާލޭގެ ފޭސް 1އަދި ފޭސް 2އާ ދެމެދު މަހެއްގެ މައްޗަށް 44,000އާއި 88,000އާ ދެމެދުގެ އަދަދަކަށް މީހުން ދަތުރުކުރެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރާ ދަތުރުތަކުގައި 37,000އާއި 79,000އާ ދެމެދުގެ އަދަދަކަށް މީހުން ބަހުގެ ޚިދުމަތް ހޯދާފައިވެއެވެ. މާލެ އެތެރޭގެ ދަތުރުތަކުގައި 19,000އާއި 50,000އާ ދެމެދުގެ އަދަދަކަށް މީހުން އުޅޭއިރު، އެންމެ މަދުން މީހުން ދަތުރުކުރަނީ ވިލިމާލެ އެތެރޭގެ ބަސް ރޫޓުތަކުގައެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 15,000އާއި 21,000އާ ދެމެދުގެ އަދަދެކެވެ.

