
2000އަށް ވުރެ ގިނަ ދަރިވަރުން މި ވަގުތު ރާއްޖޭގައި ގުރުއާން ހިތުދަސްކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސޯޝަލް މީޑީއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުއިއްޒު ހާފިޒުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކޮށް ގުރުއާއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.
އަދި މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000އަށް ވުރެ ގިނަ ދަރިވަރުން ގުރްއާން ހިތު ދަސްކުރަމުން ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގައި ކަމަށެވެ.
“ރާއްޖޭގެ ހުރިހާ ރަށަކަށް ގުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30ރަށެއްގައި ގުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް އަމަލީ ގޮތުން ހިންގަން ފަށާފަ. އަދި އިތުރު 20ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އިތުރު 38ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ”މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 2އަހަރު ތެރޭ ހުރިހާ ރަށަކަށް އެ މަޝްރޫއު ގެންދިއުން ކަމަށާއި އަދި ރަށް ރަށުގައި ހިންގާ ގުރުއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ގުރުއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް ވެސް އިތުރުކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ޒުވާނުން ގުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
އަދި މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322އަށް އަރައިފައިވާ ކަމަށާއި ރޯދަ މަހު، މާތް ﷲ އިރާދަކުރެެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމަށާއި އަމާޒަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500އަށް އެރުވުން ކަމަށެވެ.

