
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދޭ “އެލްނީނޯ” މޫސުމީ ހާލަތުގެ އަސަރު ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭތީ، އިގުތިސާދީ މައިގަނޑު ސިނާއަތްތަކުން އެކަމަށް ދުރާލައި ތައްޔާރުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވާރޭވެހޭ މިންވަރު އާދަޔާޚިލާފަށް މަދުވުމުގެ އިތުރުން، އާންމުކޮށް ހޫނުމިން ހުންނަ ވަރަށްވުރެ މައްޗަށް ދާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމަކީ އެލްނީނޯގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެކަމަށް މެޓުން ފާހަގަކުރެއެވެ. އެހެންކަމުން، މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވެ، ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
ޕެސިފިކް ކަނޑުގެ އިރުމަތީ އަދި މެދުތެރޭ ސަރަހައްދުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކުރިމަތިވާ އެލްނީނޯއަކީ ކޮންމެ ދެ އަހަރަކާއި ހަތް އަހަރަކާ ދެމެދުގެ މުއްދަތެއްގައި އުފެދޭ ހާލަތެކެވެ. މެޓް އޮފީހުން ވަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މި ހާލަތު ވަރަށް ގާތުން މޮނިޓާކުރަމުން އަންނަކަން ހާމަކޮށް، އޭގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަކަމުގެ އިންޒާރު ދީފައެވެ. އާންމު ގޮތެއްގައި މި ހާލަތު އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ހާލަތްތަކުގައި އެއަށްވުރެ ދިގު މުއްދަތަކަށް ވެސް މީގެ އަސަރު ދެމިގެންދާކަން ތާރީޚީ ހިސާބުތަކުން ދައްކައެވެ.

