
އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓްގެ އެހީގައި ކުރާ އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ފަށައި، ކަކުލުހުޅު ބަދަލުކުރުމުގެ ދެ ސާޖަރީއެއް ކާމިޔާބުކޮށްފިއެވެ.
މި މުހިންމު ކާމިޔާބީއާ ގުޅިގެން އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ސީއީއޯ އަޙްމަދު ނާޝިދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ގައުމުގެ އެތެރޭގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ ހިތްވަރަށް އޭނާ ވަނީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
6th September 2026
ADK Hospital inaugurates the Maldives’ first robotic surgical procedure, with two robotic Total Knee Replacement (TKR) surgeries.
“We appreciate the encouragement given by President Dr. Mohamed Muizzu towards investment in healthcare, particularly in… pic.twitter.com/2jJxhWaL8k
— ADK Hospital (@ADKHospital) September 6, 2026
އަމިއްލަ ހޮސްޕިޓަލަކުން މިފަދަ ޚިދުމަތެއް ތައާރަފުކޮށްފައިވާއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ވެސް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން، މިދިޔަ ޖުލައި މަހުގެ 29ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވާލައިގެން މި މެޝިނަރީޒް ހޯދައި، އިންސްޓޯލްކޮށް އަދި މުވައްޒަފުން ތަމްރީނުކުރުމަށް ބީލަމަށް ލާފައެވެ.
ޑޮކްޓަރުން ކޮމްޕިއުޓަރެއްގެ ޒަރީއާއިން ކޮންޓްރޯލްކުރާ ރޮބޮޓިކް އަތްތަކެއް ބޭނުންކޮށްގެން ކުރާ މި އޮޕަރޭޝަންތަކަކީ އާދައިގެ އޮޕަރޭޝަންތަކާ އަޅާބަލާއިރު ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އެގޮތުން، ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވުމާއި، ލޭ ފައިބާ މިންވަރު މަދުވުމުގެ އިތުރުން ބަލިމީހާ އަވަހަށް ރަނގަޅުވުމަށް މި ނިޒާމު މަގުފަހިކޮށްދެއެވެ. ހަމައެއާ އެކު، އިންސާނުންގެ އަތަށްވުރެ ރޮބޮޓުގެ ހަރަކާތްތައް ސީދާވުމާއި އެތެރެހަށި ތްރީޑީކޮށް ފެންނަން ހުރުމަކީ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ނާޒުކު ބަލިތަކުގެ އޮޕަރޭޝަންތައް ކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމަށް ސިއްހީ މާހިރުން ބަޔާންކުރައްވައެވެ.

