
ހއ. ހޯރަފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، އެ ރަށުގެ ފަތުރުވެރިކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި 6 ގެސްޓްހައުސްއެއް އިމާރާތްކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓުގައި ހޯރަފުށީ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ވިޔަފާރީގެ ދާއިރާއިން ފަންނީ އަދި މާލީ ޤާބިލުކަން ލިބިފައިވާ ފަރާތްތަކުން ބީލަން ފޮތް ގަތުމަށްޓަކައި، 1 އޮކްޓޫބަރު 2026ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން އޮންލައިންކޮށް ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މިގޮތަށް ރަޖިސްޓްރީކުރާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 12 އޮކްޓޫބަރު 2026 ވާ ދުވަހުގެ 11:00ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ތެރެއިން ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ 6 ބިމެކެވެ. މި ބިންތައް ދޫކުރަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ތަރައްޤީކޮށް ކުއްޔަށް ދިނުމަށާއި، އެތަންތަން ދިގު މުއްދަތަކަށް އޮޕަރޭޓްކުރުމަށެވެ.

