
އާންމުންގެ ގިނަ ބަޔަކު އެދެމުންދާތީ، އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު ބޭނުމަކީ ވީހާ ވެސް ގިނަ ފަރާތްތަކަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. ނިމިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ބަލާއިރު ވެސް، މި ހަރަކާތުގައި ބައިވެރިވުމަށް އެދި 700 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވާކަން ބީސީސީން ފާހަގަކުރައްވައެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންގެ މަސައްކަތްތައް އެއް މަންސައަކުން ދައްކާލައި، އެ ފަރާތްތަކަށް އައު މާކެޓުތައް ހޯދައިދިނުމުގެ ބޭނުމުގައި އިންތިޒާމުކުރާ ޚާއްޞަ ހަރަކާތެކެވެ.
މިއީ ދިވެހި އުފެއްދުންތައް މާކެޓުކޮށް ކުރިއަރުވައި، މަސައްކަތްތެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

