
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު އައްޔަނުކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެހެންވެ އެ މަގާމަށް އަބްދުލް އަޒީޒް އައްޔަނުކުރަން އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވުމުން މަޖިލީހުން އަޒީޒް އެ މަގާމަށް އައްޔަނުކުރަން މިދިޔަ މަހު އޮތީ ފާސްކޮށްފައެވެ.
އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޖަމާލު އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އޭނާ އަށް މަރުުހަބާ ކިޔައިފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި ފަރާތެވެ. އެގޮތުން 2014ވަނަ އަހަރުގެ ޖުލައި 22އިން ފެށިގެން 2019ވަނަ އަހަރުގެ ޖުލައި 22ގެ ނިޔަލަށް އޭނާ ވަނީ އެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ދިވެހި ބަހުގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަޒީޒް އިންފޮމޭޝަން ކޮމިޝަނަރުގެ ،މަގާމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން އިރު، އޭނާ ހުންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

