
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އޮޕަރޭޓްކުރާ އާރުޓީއެލް ފެރީ ނެޓްވޯކްގެ ދަށުން، އިއްޔެ ނިޔަލަށް ޖުމްލަ 63ދަތުރެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.
އެމްޓީސީސީ އިން އާންމުކޮށްފައިވާ އެ ދުވަހުގެ ޓްރިޕް ރިޕޯޓުން ދައްކާގޮތުގައި، ހޮނިހިރު ދުވަހަށް ޖުމްލަ 67ދަތުރެއް އޮތީ ޝެޑިއުލް ކުރެވިފައެވެ. މީގެ ތެރެއިން 63ދަތުރެއް ކޮށްފައިވާއިރު، ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން 4ދަތުރެއް ވަނީ ކެންސަލް ކުރެވިފައެވެ. ކެންސަލް ކުރެވުނު ދަތުރުތަކުގެ ތެރޭގައި ހިމެނެނީ ރޫޓް S1C3، R1C4، S2C1 އަދި S2C5ގެ ދަތުރުތަކެވެ.
އެ ކުންފުނީގެ ދަތުރު ރިޕޯޓް ދައްކާ ގޮތުން ދަތުރުފަތުރުގެ ނިޒާމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެފައިވަނީ އުތުރުގެ މައި ދެ ހަބު ކަމަށްވާ ރ. އުނގޫފާރާއި ހދ. ކުޅުދުއްފުށްޓެވެ. އެގޮތުން، އެންމެ ގިނަ ދަތުރުތައް ގުޅިފައިވާ ރ. އުނގޫފާރަށް (އެ ރަށުން ފުރާ އަދި އެ ރަށަށް އަންނަ ގޮތަށް)ޖުމްލަ 9ދަތުރެއް ވަނީ ކޮށްފައެވެ. ދެވަނައަށް އެންމެ ބާރުބޮޑުވި ހދ. ކުޅުދުއްފުށްޓަށް ޖުމްލަ 8ދަތުރެއް ވަނީ ކޮށްފައެވެ.
ރާއްޖޭގެ ރަށްތައް ހަލުވި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ފަށާފައިވާ އާރު.ޓީ.އެލް ފެރީގެ ހިދުމަތަކީ ދުވަހުން ދުވަހަށް ގިނަ ރައްޔިތުންތަކެއް ބަރޯސާވަމުން އަންނަ، އަދި ރަށްރަށުގެ އިޤްތިޞާދާއި، ވިޔަފާރިއާއި، އިޖުތިމާޢީ ގުޅުންތަކާވެސް ބޮޑަށް ގުޅިފައިވާ މުހިންމު ހިދުމަތެކެވެ.

