
ރާއްޖޭގެ އެކި ކަންކޮޅުތަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް 29 ކުއްލި ނުރައްކަލުގެ ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
ސިފައިންގެ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، އެންމެ ގިނައިން ހިނގާފައި ވަނީ އަލިފާނުގެ ނުރައްކާތަކެވެ. މިގޮތުން، އަލިފާން ރޯވުމުގެ 12 މައްސަލައަކަށް ސިފައިން އެޓެންޑްވެފައިވާއިރު، ނުރައްކާތެރި ކެމިކަލް އަދި އެހެނިހެން މާއްދާތަކާ ގުޅުންހުރި 11 މައްސަލައެއް ވެސް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، އެކި ސަރަހައްދުތަކަށް ބަހާލައިގެން ބަލާއިރު އެންމެ ގިނަ އޮޕަރޭޝަންތައް ހިންގާފައި ވަނީ މާލެ އޭރިއާ ކޮމާންޑުގައެވެ. އެއީ ޖުމްލަ 26 ހާދިސާއެކެވެ. ދެކުނުގެ ސަދަން އޭރިއާ ކޮމާންޑުން ދެ ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އުތުރުގެ ނޮދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައި ވަނީ އެންމެ ހާދިސާއެއްގައެވެ.
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 29 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ. pic.twitter.com/CU4hcBEI1D
— Maldives National Defence Force (@MNDF_Official) September 6, 2026
މި ހާދިސާތަކުގެ އިތުރުން، ބަލި މީހުން އުފުލުމުގެ ގޮތުން ހަތަރު މީހަކު މެޑިކަލް އިވެކުއޭޝަންގެ ދަށުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްދީފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގެ ދެ އޮޕަރޭޝަނެއް ވެސް ސިފައިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިއުއިން އަންނަނީ ރެޔާއި ދުވާލު ހުއްޓުމެއްނެތި ފާރަވެރިވަމުންކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

