
ކުރީގެ ސަރުކާރުތަކުން ރޭވިގެން ފުނޑާލާފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދު، ރާއްޖޭގައި އޮތް ބިދޭސީންގެ ވަގު ވިޔަފާރި ޙައްލުކުރި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޙިކުމަތްތެރިކަމާ އެކު އަލުން ކޮޅަށްޖައްސަވަމުން ގެންދަވާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕާޓީ، ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ފާހަގަކުރެއްވީ، 23 ރުފިޔާއަށް އުފުލިފައި އޮތް ޑޮލަރުގެ އަގު މިހާރު ދަށަށްދާން ފަށާފައިވާ ކަމަށެވެ. މިއީ ޤާނޫނީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ އެކު، ސަރުކާރުން ކެތްތެރިކަމާ އެކު ތަންފީޒުކުރަން ފެށި ހަރުދަނާ ސިޔާސަތުތަކުގެ ހެޔޮ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ދައުލަތަށް ނުރައްކަލަކަށް ވެފައިވާ ބިދޭސީންގެ މައްސަލަތަކަށް ޙައްލު ހޯދިއްޖެކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވައި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު މިހާރު ކަށަވަރުކުރެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ. ހަމައެއާއެކު، މާލެއާއި އަތޮޅުތެރޭގެ މަގުތަކުގެ އަމާންކަން ޤާއިމުކުރެވި، މަސްވެރިންނާއި ދަނޑުވެރިން ފަދަ އިޤްތިޞާދީ ހަރަކާތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދެވިއްޖެކަމަށް ވެސް ވިދާޅުވިއެވެ.
މި ކަންކަން ފުރިހަމަވަމުންދާތީ ރައްޔިތުން ރައީސަށް އެއްބާރުލުން ދެއްވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ. ޝުޖާއުގެ ވާހަކަފުޅުގައި، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވައި ވިދާޅުވީ، އެއީ ފާޑުކިޔުމުގެ ޙައްޤު އޮތް ބައެއް ނޫންކަމަށާއި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ރައްޔިތުން އިސްކުރާ ވެރިކަމެއް ދެމެހެއްޓުމަށްޓަކައި 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ އެންމެހާ މެންބަރުން އެކަތިގަނޑަކަށް ވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

