
ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ޓްރެޝަރީ ބިލް (ޓީ-ބިލް)އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ “ގަވަރމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިން” ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ ސެކިއުރިޓީޒް 99.2 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން 41.6 ބިލިއަން ރުފިޔާއަކީ ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓީ-ބިލެވެ. އަދި 3,425 މިލިއަން ރުފިޔާއަކީ ޑޮލަރުން ވިއްކާފައިވާ ޓީ-ބިލެވެ. އަދި 1 އަހަރު ދުވަހުގެ މުއްދަތަށް އެކަނި ވެސް 39 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ސެކިއުރިޓީޒްގެ މުއްދަތުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ހަމަޖެހިފައި ވަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން 1 އަހަރުގެ މުއްދަތަށް 39,043 މިލިއަން ރުފިޔާގެ ސެކިއުރިޓީޒް އައުޓްސްޓޭންޑިންގ ގޮތުގައި އެބަހުއްޓެވެ. މީގެ އިތުރުން 1 މަސް ދުވަހުގެ މުއްދަތަށް 4,783 މިލިއަން ރުފިޔާ، 3 މަހަށް 3,978 މިލިއަން ރުފިޔާ އަދި 6 މަހަށް 3,212 މިލިއަން ރުފިޔާގެ ސެކިއުރިޓީޒް ހިމެނެއެވެ.
މި ރިޕޯޓުން ފާހަގަކުރެވޭ އަނެއް ކަމަކީ ސަރުކާރުން އެތެރޭގެ މާކެޓަށް ބަރޯސާވެފައިވާ މިންވަރެވެ. އެގޮތުން ޑޮމެސްޓިކް އިންސްޓްރޫމަންޓްސް ނުވަތަ އެތެރޭގެ ސެކިއުރިޓީޒްގެ ޖުމްލައަކީ 97,745 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ގިނައީ ކޮމާޝަލް ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުން ގަނެފައިވާ އިންސްޓްރޫމަންޓްސްތަކެވެ. ނަމަވެސް ބޭރުގެ އިންސްޓްރޫމަންޓްސް (އެކްސްޓަރނަލް އިންސްޓްރޫމަންޓްސް)ގެ ގޮތުގައި ހިމެނެނީ އެންމެ 1,542 މިލިއަން ރުފިޔާއެވެ.

