
ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު ދައުލަތުގެ މީޑިއާގެ ސްޓޫޑިއޯގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް “އަދަދު” ނޫހުގެ ނޫސްވެރިއަކު ގަދަކަމުން ވަދެގަނެ ހުރަސްއެޅުމާ ގުޅިގެންނެވެ.
“ޕްރެސަރ ވިތް ދަ ސްޕޯކްސް”ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ހަވީރު 4:00 އަށް ތާވަލުކުރި ބައްދަލުވުން ވަނީ، މި ހަމަނުޖެހުމާ ގުޅިގެން ފަސްކުރަން ޖެހިފައެވެ. ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، ޕީއެސްއެމްގެ ސްޓޫޑިއޯއަށް ވަދެ، އެތަނުން ނުކުތުމަށް އިންކާރުކޮށްފައި ވަނީ ކޯޓު އަމުރަކާ ޚިލާފުވެގެން މީގެ ކުރިން ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވާ ލީވާން ޢަލީ ނަޞީރެވެ.
ނޫސްވެރިކަމުގެ ނަމުގައި ތޮފި އަޅައިގެން ތިބެ، ފިލްމާއި ޑްރާމާ ކުޅުން ފަދަ ކަންކަމާއި ޣައިރު ގާނޫނީ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ތަރުޖަމާނު ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދައުލަތުގެ މީޑިއާގެ އިމާރާތަށް ހުއްދަނެތި ވަދެގަތް މައްސަލައިގައި ޕީއެސްއެމްއިން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 20 ވަރަކަށް ނޫސްވެރިން ރަސްމީކޮށް ނަން ނޯޓުކޮށްފައިވާކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު އަރުވަނީ އެކަމަށް ޚާއްސަކޮށް، ސްކްރީންކުރެވިފައިވާ ރަސްމީ ގްރޫޕެއް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން، އެ ގްރޫޕުގައި ނުހިމެނޭތީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަދަދު ނޫހުން ފޮނުވި މެސެޖު ރައީސް އޮފީހުން ބަލައިގެންފައި ނުވާނެކަން އޭނާ ސާފުކޮށްދެއްވިއެވެ.
ރައީސް އޮފީހުން އިންތިޒާމުކުރާ އެއްވެސް ޕްރެސްއަކުން އަދަދު ނޫހަށް ފުރުސަތު ނުދޭން ސަރުކާރުން ނިންމާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިއަކު ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް އަމަލުކޮށް، ކޯޓު އަމުރަކާ ޚިލާފަށް ރައީސްގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ބޮޑެތި ތުހުމަތުތަކެއް އެޅުވި ހިސާބުންނެވެ. އޭގެ ފަހުން ރައީސް އޮފީހުގެ އެއްވެސް ހަރަކާތަކަށް އެ ނޫހަށް ދައުވަތު ދީފައެއް ނުވެއެވެ.
މިއަދު ހިނގައިދިޔަ ކަންކަމާ ގުޅިގެން ކެންސަލްކުރި ބައްދަލުވުން ދެން އޮންނާނީ ފަހުގެ ތާރީޚެއްގައި ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

