
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ސިންގަޕޫރުގައި ބޭއްވި “ސީފުޑް އެކްސްޕޯ އޭޝިއާ 2026″ގައި ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނިން ހާމަކުރި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން އެ ކުންފުނިން ކަނޑައެޅި އަމާޒުތަކަށް ވަނީ ކާމިޔާބުކަމާ އެކު ވާސިލުވެފައެވެ. އެގޮތުން ޖަޕާނާއި، ޗައިނާގެ އިތުރުން ސިންގަޕޫރާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވިޔަފާރިވެރިންނާ އެކު ދަޅުމަހާއި ޕައުޗް ފޯރުކޮށްދިނުމާ މެދު އުންމީދީ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. މީގެ އިތުރުން، ވާދަވެރި ގައުމުތަކުން މަހުގެ އަގުތައް ކަނޑައަޅާ މިންގަނޑުތަކާއި، ބޭނުންކުރާ ޕެކޭޖިންގެ އިތުރުން މާކެޓުކުރުމުގެ އުކުޅުތައް ވަރަށް ގާތުން ދިރާސާކުރުމުގެ ފުރުސަތު ވެސް މިފްކޯއަށް ލިބިގެންދިޔައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކަނޑުމަސް ޕްރޮމޯޓުކުރުމަށް އެ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ސިންގަޕޫރުގައި ބޭއްވި މި މައުރަޒަކީ އޭޝިއާ ބައްރުގައި ކަނޑުމަހުގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ފުޅާ އެއް ހަރަކާތެވެ. މިފަހަރު ކުރިއަށްދިޔައީ މި އެކްސްޕޯގެ 14ވަނަ އެޑިޝަނެވެ. މިއަހަރުގެ އެކްސްޕޯއާ ގުޅިގެން، މަސް ޕެކްކުރާ މެޝިނަރީއާއި އެކުއާކަލްޗާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދައްކާލުމަށް “ސީފުޑް ޕްރޮސެސިން އޭޝިއާ”ގެ ނަމުގައި ހާއްސަ ބައެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މައުރަޒަކީ ސަރަހައްދުގެ ބޮޑެތި ރީޓެއިލް ވިއުގަތަކާއި، ސަޕްލަޔަރުންނާއި، އަދި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ޑިސްޓްރިބިއުޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބޭރުގެ ބޮޑެތި މާކެޓުތަކުގައި މިފްކޯގެ ހިއްސާ އިތުރުކުރުމަށާއި، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތަކަށް ފައިހަމަކޮށް ކުރިއެރުން ހޯދުމަށް މިފަދަ ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.

