
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ނުދައްކަވާ އޮތް ބިލަކާ ގުޅިގެން، 18،199 ރުފިޔާ ދިރާގަށް ދެއްކުމަށް ސިވިލް ކޯޓުން އޭނާގެ ޣައިރު ހާޒިރުގައި ބުދަ ދުވަހު ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު އިއްވެވި މި ހުކުމުގައި އަންގަވާފައި ވަނީ، މި ހިނގާ މަހުގެ 16ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަށެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ އެކި ފަހަރުމަތިން ޑރ. ދީދީ ހޯއްދަވާފައިވާ ޚިދުމަތްތަކަކަށް އަރާފައިވާ ފައިސާއެވެ. ނަމަވެސް އެއީ ސީދާ ކޮން ޚިދުމަތްތަކެއްކަން ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެއެވެ. ދައުވާގެ ލިޔެކިޔުންތައް ޑރ. ދީދީއާ ހަވާލުކުރި ނަމަވެސް، އޭނާގެ ފަރާތުން ކޯޓަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ދީދީ ވިދާޅުވީ، އެއީ އޭނާ ވަޒީރުކަމުގައި ހުންނެވިއިރު ގެންގުޅުއްވި އަމިއްލަ ނަންބަރެއްގެ ރޯމިން ޚިދުމަތަށް އަރާފައިވާ ބިލެއް ކަމަށެވެ. އަދި އެ ފައިސާ އަރާފައި ވަނީ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް ދިރާގުން އެ ޚިދުމަތް ކަނޑާލާފައި ނުވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރުކަމުން ވަކިވުމަށް ފަހު އެ ޚިދުމަތް ކަނޑާލުމަކީ އޭނާގެ ޒިންމާއެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ވެސް ޑރ. ދީދީ ވިދާޅުވިއެވެ.
ދަތުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ޑރ. ދީދީ ވަނީ 2008އިން 2012އަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

