
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މެއި މަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ރަށު ނަފާ، އަޙްމަދު ނާޞިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ބޮޑު ދަޢުވާ ދައުލަތުން އުފުލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 7ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަޙައްދުންނެވެ. ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ފޮށިގަނޑެއްގެ ތެރެއިން 61.1205 ގްރާމްގެ ޑައިމޯފިން ފެނިފައިވާކަމަށް ކޯޓު ރިޕޯޓުތަކުން ދައްކައެވެ. ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ބުނާގޮތުން، ހަތަރު ގްރާމަށްވުރެ ގިނައިން ޑައިމޯފިން ގެންގުޅުމަކީ ޓްރެފިކްކުރުން ކަމުގައި ބެލެވޭނެއެވެ.
މި މައްސަލައިގައި އަޙްމަދު ނާޞިރުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ޤާނޫނުގެ 108ވަނަ މާއްދާގެ (ށ)ގެ ދަށުން އުމުރު ދުވަހުގެ ނުވަތަ 25 އަހަރުގެ ދިގު ޖަލު ޙުކުމެއް އަންނާނެއެވެ. އަދި އޭގެ އިތުރުން 100،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.
ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާދިފަހުން މިލަންދޫ ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އޭނާ ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ. ކޯޓުން މިގޮތަށް ނިންމީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުކަމަށާއި، މައްސަލައިގެ ހެކިބަސް އަދި ނަގާފައި ނުވާތީ ހެކިތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ އިޙްތިމާލު އޮތްކަމަށް ދައުލަތުން ފާހަގަކުރުމުންނެވެ. އެހެންކަމުން މައްސަލައިގެ ޙާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

