
ފުވައްމުލައް ސިޓީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ މިއަދު ސަރުކާރުން ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާއިރު، މި ދެ މަޝްރޫއަށް ޖުމްލަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އެގޮތުން ހޭންޑްބޯލް ކޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 1،997،595.71 ރުފިޔާއަށެވެ. އަދި ފުޓްސަލް ދަނޑު ހެދުމަށް އެއްބަސްވެފައި ވަނީ 2،079،384.71 ރުފިޔާއަށެވެ.
ސަރުކާރުގެ ފަރާތުން މި ކޮންޓްރެކްޓްތަކުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަލީ ނިޒާރެވެ. ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝާހިދެވެ. މި ދެ ޕްރޮޖެކްޓަކީވެސް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ގުނާގޮތަށް 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މުޅިން ނިންމަންޖެހޭ ގޮތަށް ހަވާލުކުރެވުނު މަސައްކަތްތަކެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުން އަންނައިރު، މިވަގުތުވެސް އިތުރު 15 ރަށެއްގައި ފުޓްސަލް ދަނޑު ބިނާކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ހަމައެއާ އެކު، އިތުރު ތިން ރަށެއްގައި ހޭންޑްބޯލް ކޯޓު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

