
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މި ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާ އެކު ފަރުމާކުރެވިފައިވާ، ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެކެވެ. ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން މި ހަވީރުގައި ބައިވެރިވުމަށް ފުލުހުންގެ ފަރާތުން ދައުވަތު އަރުވަމެވެ.
މާލޭގައި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ 5 ސެޕްޓެމްބަރުގެ ހެނދުނު 6:00ގައި ބާއްވާ “އެކުވެރިކަމުގެ ހިނގާލުން” އިންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން “ބްލޫސް ފެމިލީ ނައިޓް” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައި ވަނީ 6 ސެޕްޓެމްބަރު 2026ގައެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި “ޕޮލިސް ވޯކް އެންޑް ޓޯކް” ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި “އެކުވެރިކަމުގެ ހިނގާލުން” ހިމެނެއެވެ.
މިއީ، ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމާ އެކު، ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އެހެންކަމުން، 5 ސެޕްޓެމްބަރުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވެ، މި އުފާވެރި މުނާސަބަތުގައި ބައިވެރިވުން އެދެމެވެ.

