
ފަހަކަށް އައިސް އުސް އިމާރާތްތަކުން ކުދިން ވެއްޓުމުގެ ހިތާމަވެރި ހާދިސާތައް ގިނަވަމުންދާތީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، “އަމާން އުދަރެސް” އާއި “އަމާން ދޯދި” ޓަވަރުތަކުގައި ތުއްތު ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅޭ އެޕާޓްމަންޓްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްދާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އެފަދަ ޔުނިޓުތަކަށް އިސްކަންދީގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަވަހަށް ޤާއިމުކުރުމެވެ.
ހަމައެކަނި ޚާއްސަ އާއިލާތަކުގެ އިތުރުން، އެފްޑީސީގެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ކުންފުނީގެ އެތެރޭގައި މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ. އެގޮތުން، ހުރިހާ ޔުނިޓެއްގައި ވެސް ސަލާމަތީ ގޮތުން އިތުރު ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައި މިވަނީ، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުންނަ އުސް އިމާރާތްތަކުން ކުދިން ވެއްޓުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި ވަނިކޮށެވެ. ސްޓެލްކޯ ފްލެޓުން ދެ އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. މި ހިތާމަވެރި ކަންކަމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައި، މިއީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހޭ ޤައުމީ އަދި އިންސާނީ ބޮޑު މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ.

