
ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން، ލިޔުމަކުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އިއްޔެ އެ އޮތޯރިޓީން އަންގައިފިއެވެ.
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް ސޮއިކުރައްވައި ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިތުރުން އަތޮޅު އޮފީސްތަކަށް ފޮނުއްވި ސަރކިއުލަރއެއްގައި ބަޔާންކޮށްފައި ވަނީ، ދައުލަތުގެ ބަޖެޓުން ނުވަތަ ކައުންސިލަށް ލިބޭ އާމްދަނީން ޚަރަދުކުރާ ގޮތަށް އައު މަޤާމުތައް އުފެއްދުމާއި، ހުސްވެފައިވާ މަޤާމުތަކަށް މީހުން އައްޔަންކުރުން މިހާރުން ފެށިގެން އޮތޯރިޓީގެ ހުއްދައަކާ ނުލައި މަނާވާނެ ކަމަށެވެ. މީގެ އިތުރުން، ވަގުތީ މަޝްރޫޢުތައް ހިންގުމަށާއި ވަކި މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުންނާއި ވޭޖް އެމްޕްލޯއިމަންޓްގެ ގޮތުގައި މީހުން ނެގުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ރަސްމީ ހުއްދައެއް އޮންނަން ވާނެކަމަށް އަންގާފައިވެއެވެ.
މުވައްޒަފުންނަށް މުސާރަދޭ ގޮތަށް ހުޅުވާލާ ކޮންމެ ފުރުޞަތެއް ވެސް މި އުޞޫލުގެ ތެރެއަށް ފެތޭނެއެވެ. އެގޮތުން، ކޮންސަލްޓަންސީ ފަދަ އުޖޫރަ ލިބޭ އެއްވެސް ބާވަތެއްގެ މަސައްކަތަކަށް މީހުން ހޯދުމަށް އިޢުލާނު ކުރެވޭނީ ވެސް ކުރިން އެލްޖީއޭއަށް ހުށަހަޅައި، އެކަމުގެ ހުއްދަ ލިޔުމުން ލިބުމަށްފަހުގައިކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އިއްޔެއިން ފެށިގެން މި އާ އުޞޫލަށް ޢަމަލުކުރަން ފަށާފައިވާއިރު، އެލްޖީއޭއިން ވަނީ މިކަމަށް ފުރިހަމައަށް ތަބާވުމަށް މުޅި ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކޮށްފައެވެ.

