
އައްޑޫ ސިޓީ ފޭދޫ ފިހާރައަކުން ވަގަށް ނެތި ތަކެތި މައްސަލަ ހުށަހެޅިތާ 24ގަޑިއިރުގެ ތެރޭގައި ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ފިހާރައިން ވައްކަންކުރި މައްސަލަ ހުށަހެޅީ މި މަހުގެ 13ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދަން ހާއްސަ މަސައްކަތްތަކެއް ފެށިކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މަސައްކަތުގެ ތެރެއިން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހަމަ އެ ދުވަހުގެ އިރުއޮއްސި 18:47ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރު އިރު އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އައްޑޫ ހިތަދޫގައި ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރިއިރު، ފޭދޫގެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ފެނުނު ކަމަށް ބުންޏެވެ.
ފެނުނު ތަކެތީގެ ތެރޭގައި 4ކަރަންޓު ބުރުމާ، 1ގްރޭންޑަރު، 1ޓެބްލެޓް، 1މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެއެވެ. އަދި އެ ތަކެތި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ހިތަދޫ، ފޯޓްރެސް، އަހުމަދު ފަރީދު (42އ)އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ހުސައިން ރަޝީދު (42އ)އެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

