
ބޭންކު އޮފް މޯލްޑިވްސް (ބިއެމްއެލް) އިން އިތުރު ހަތް ބްރާންޗެއް ހުޅުވައިފިއެވެ.
މި ހަތް ބްރާންޗު ހުޅުވައިދެއްވީ ނަސަންދުރާ ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ހަތް ބްރާންޗު ގާއިމްކޮށްފައިވާ ރަށްތަކަކީ:
- ހއ. ހޯރަފުށި
- ށ. ކަނޑިތީމު
- ރ. އަލިފުށި
- ޅ. ހިންނަވަރު
- އދ. މާމިގިލި
- ގއ. ގެމަނަފުށި
- ލ. މާވަށް
މި ބްރާންޗުތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވާހަކަ ދެއްކެވިއެވެ. ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ.
“ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ.” ޝަރީފް ވިދާޅުވިއެވެ.
މިއަދު ހުޅުވި ހަތް ބްރާންޗާއެކު ބީއެމްއެލް އިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެ އެވެ. މީގެ ތެރޭގައި، މިދިޔަ ދެ އަހަރު ތެރޭ ހުޅުވި 17 ބްރާންޗު ހިމެނެ އެވެ. މީގެ އިތުރުން އެ ބޭންކުގެ 340 އޭޓީއެމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވެއެވެ.

