
އައްޑޫ ސިޓީ މަރަދޫގައި ބަންދުކޮށްފައިވާ ޑްރަގް ކެފޭ އަކަށް ވަދެ އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ދެ މީހަކު ވަދެފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު އަށެވެ. މި ތަނަށް ވަދެ އުޅުނު ކަމަށް ފުލުހުން ބުނެފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު މި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވެއެވެ.
ސ. މަރަދޫފޭދޫ އުއްމީދު ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފައިވަނީ ނިމުނު މަހުގެ 15 ދުވަހުގައެވެ. ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ.

