
އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ސ.މަރަދޫ / އާލް ، އަހުމަދު ހާރިޝް (32އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވެއެވެ. މި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއްވެސް ގަން ޕޮލިހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި ހާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

