
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސައިބާ ކުށްތައް 105 އިންސައްތައަށް އިތުރުވެފައިވާތީ، އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ބަޔާންކުރާގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައި ވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. އެހެންނަމަވެސް، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 1،053 އަށް އުފުލިފައެވެ. އަދި މިހާރު ވެސް 884 މައްސަލައެއްގެ ތަހުގީގު މަރުހަލާ ކުރިއަށްދާއިރު، ތަފާތު އެކި ފިޔަވަޅުތަކާ އެކު 457 މައްސަލައެއް ވަނީ ތަހުގީގު ނިންމައި ފައިލްކުރެވިފައެވެ. ފުލުހުން ފާހަގަކުރާގޮތުގައި މި މައްސަލަތައް އެންމެ ބޮޑަށް އިތުރުވުމުގެ އަސްލަކީ އޮންލައިންކޮށް ހިންގާ ސްކޭމްތައް އާންމުވުމެވެ.
މިފަދަ ކުށްތަކުގެ ތަފްސީލަށް ބަލާއިރު، އޮންލައިން ވިޔަފާރީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ 86 އިން 464 އަށް އުފުލިފައެވެ. މިއީ 439 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ސްކޭމްތައް 626 އިންސައްތަ (15 އިން 109 އަށް) އިތުރުވެފައިވާއިރު، ޑޮލަރު މާރުކުރުމުގެ ނަމުގައި މީހުންނަށް އޮޅުވާލާފައިވާ މިންވަރު ވެސް ވަނީ 83 އިންސައްތަ މައްޗަށް ގޮސްފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވިކަމުގައި ވިޔަސް، އަމިއްލަ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ކުރާ ބައެއް ކުށްތައް ވަނީ މަދުވެފައެވެ. އޭގެ ތެރޭގައި، ބަރަހަނާ މަންޒަރު ދައްކައިގެން ބްލެކްމެއިލްކުރުން 16 އިން 4އަށް ދަށަށް ގޮސްފައިވުމާއި، މީހުންގެ މީސްމީޑިއާ އެކައުންޓްތައް ހެކްކުރާ މިންވަރު 29 އިންސައްތަ ދަށްވުން ހިމެނެއެވެ. ހަމައެއާ އެކު، ބޭންކު ކާޑުތައް ބޭނުންކޮށްގެން ހިންގާ ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63އަށް ތިރިވެފައެވެ.
ސައިބާ ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ފުލުހުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 182 ފަރާތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ފޭސްބުކް، ވަޓްސްއެޕް އަދި ވައިބަރ ފަދަ ޕްލެޓްފޯމްތަކުން ގެއްލުނު 120 އެކައުންޓެއް ވަނީ އަނބުރާ ހޯދައިދީފައެވެ. އަދި ކުށްތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ދަނީ ހިންގަމުންނެވެ. މިގޮތުން މިހާތަނަށް 3،143 މީހަކަށް މައުލޫމާތު ދީފައިވާއިރު، އޭގެ ތެރޭގައި 1،972 ދަރިވަރުންނާއި 743 ބެލެނިވެރިންގެ އިތުރުން އޮފީސްތަކުގެ 428 މުވައްޒަފުން ހިމެނެއެވެ.

