
ހޮނިހިރު ދުވަހު ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ހިނގި މާރާމާރީގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި ފުލުހުން އާންމެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯތަކުން ފެންނަނީ އިންތިހާބަށް ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ބެހެއްޓި ފޮށިތައް ގުނުމުގެ މަސައްކަތް ކުރިއަށް ދިޔަވަގުތު، އެ ތަނުގެ ތެރެއަށް ފިރިހެން ގްރޫޕަކުން ވަދެ، ތަނުގައި ހުރި ގޮނޑިއާއި މޭޒު އުކާ ތަނެވެ. އަދި ގަޔަށް އަތްލާ މާރާމާރީ ހިންގާތަން ފެނެއެވެ.
ހޮނިހިރު ދުވަހު ބޭއްވީ ޕީއެންސީގެ ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބެވެ. އެއީ ސެޕްޓެމްބަރު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްއާ އެކު ސްޓިއަރިން ކޮމިޓީތަކުގެ އާ ދައުރަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެވެ.

