
ބީއެމްއެލް ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތްތަކަށް ޑޮލަރު މާރުކުރާ ވަރު ދެގުނަ އިތުރުވެ، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނާއި ބޭސްފަރުވާއާއި ތައުލީމުގެ ކަންކަމަށް ޑޮލަރު މާރުކުރާ ވަރަށް ވުރެ ވެސް ގިނަކަން އެނގިއްޖެއެވެ.
ގައުމީ ބޭންކުން އާންމުކުރި މައުލޫމާތުތަކުގައި ވާ ގޮތުން ޖުލައި 2021އިން ފެށިގެން ޑިސެމްބަރު 2023 އާ ހަމައަށް ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތް ކުރަން ޑޮލަރު މާރު ކޮށްފައި ވަނީ 430 މިލިއަން ޑޮލަރެވެ. ޖެނުއަރީ 2024 އިން ފެށިގެން ޖޫން 2026އާ ހަމައަށް 870 މިލިއަން ޑޮލަރު މާރު ކޮށްފައިވެއެވެ. އެހެންކަމުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ފުރަތަމަ 2 އަހަރާއި 6 މަހަށް ވުރެ ފަހު 2 އަހަރާއި 6 މަހުގައި %102 އިތުރު ވެފައިވާ ކަން ނުވަތަ ދެގުނައަށް ވުރެ ބޮޑުކޮށް އިތުރުވެފައިވާ ކަމަށް ދައްކައެވެ.
ބީއެމްއެލުން ބުނީ މިދިޔަ އެންމެ ހަލުވި ކަމާއެކު ޑޮލަރު މާރުކުރާ އަދަދު އިތުރުވި ދާއިރާއަކީ ވެސް ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތްތަކަށް ކަސްޓަރުންނަށް ބޭންކުން މާރުކޮށްދޭ ވަރެވެ.
އެހެން ދާއިރާތަކަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން ޑޮލަރު މާރުކޮށްދީފައި ވަނީ ޓީޓީއާއި ރެމިޓެންސް ފޮނުވުމަށެވެ. އެ ގޮތުން ޖުލައި 2021އިން ޑިސެމްބަރު 2023އަށް 296 މިލިއަން ޑޮލަރު މި ދާއިރާއިން މާރުކޮށްދީފައިވެއެވެ. ޖެނުއަރީ 2024އިން ޖޫން 2026އަށް 422 މިލިއަން ޑޮލަރު މާރުކޮށްދީފައިވާ ކަމަށް ބީއެމްއެލްގެ ހިސާބުތަކުގައިވެއެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޖުލައި 2021އިން ޑިސެމްބަރު 2023އަށް 155 މިލިއަން ޑޮލަރު މާރުކޮށްފައިވެއެވެ. ރާއްޖޭން ދަތުރުކުރާ ފަރާތްތަކަށް ޖެނުއަރީ 2024އިން ޖޫން 2026އަށް 264 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ބީއެމްއެލުން އާންމުކުރި މައުލޫމާތުތަކުގައިވެއެވެ.
އެ ހިސާބުތަކަށް ބަލާއިރު އެންމެ މަދުން ޑޮލަރު މާރުކޮށްފައިވަނީ ތައުލީމާއި ބޭސްފަރުވާގެ ބޭނުންތަކަށެވެ. އެ ގޮތުން ޖުލައި 2021އިން ޑިސެމްބަރު 2023 އަށް ތައުލީމާއި ބޭސްފަރުވާގެ ކަންކަމުގައި ޑޮލަރު މާރުކޮށްފައިވަނީ 76 މިލިއަން ޑޮލަރެވެ. މި އަސާސީ ދެ ހިދުމަތަށް، ޖެނުއަރީ 2024އިން ޖޫން 2026އަށް މާރުކުރަން ޖެހިފައިވަނީ 143 މިލިއަން ޑޮލަރެވެ.
އެ ހިސާބުތައް ބުނާ ގޮތުގައި 2021އިން ޑިސެމްބަރު 2023އަށް ބީއެމްއެލުން މާރުކުރީ 957 މިލިއަން ޑޮލަރެވެ. ޖެނުއަރީ 2024 އިން ޖޫން 2026އަށް މާރުކުރީ 1.7 ބިލިއަން ޑޮލަރެވެ. ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން ފުރަތަމަ 2 އަހަރާއި 6 މަހަށް ވުރެ ފަހު 2 އަހަރާއި 6 މަހުގައި ޖުމުލަކޮށް ޑޮލަރު މާރުކުރި ވަރު މި ވަނީ 77 އިންސައްތަ އިތުރުވެފައެވެ.
ބީއެމްއެލުން އިތުރަށް ބުނީ ދިވެހި ރުފިޔާ އެކައުންޓާއި ގުޅިފައިވާ ކާޑުތަކުން ކުރާ މުއާލަމާތްތައް ވަރަށް ބޮޑަށް އިތުރުވެ، މިހާރު މަހަކު އެވެރެޖްކޮށް އެ ދާއިރާއަށް މާރުކުރެވޭ ވަރު ވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން މިހާރު މަހަކު އެވެރެޖްކޮށް 38 މިލިއަން ޑޮލަރު މި ދާއިރާއިން މާރުކުރެވޭއިރު، 2021ވަނަ އަަހަރު މަހަކު އެވެރެޖްކޮށް މި ކަމަށް މާރުކޮށްފައިވަނީ 11 މިލިއަން ޑޮލަރެވެ.
އޭގެ އިތުރުން 2024ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރު ޓީޓީއާއި ރެމިޓެންސްއަށް ބޭރު ފައިސާ ދޫކުރާ މިންވަރު ވަނީ ހަތަރު ގުނަ އިތުރުވެފައި ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
މަހެއްގެ މައްޗަށް އެވެރެޖުކޮށް ޖުމުލަ މާރުކުރާ ވަރު ވެސް މި އަހަރު އިތުރުވެފައިވާ ކަމަށާއި، 2023ވަނަ އަހަރާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށާއި 2021ވަނަ އަހަރާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

