
ރާއްޖޭގެ ތާރީޚުގައި އަލަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ފުރާ އުމްރާ ދަތުރުތައް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން މާދަމާ ފެށުމަށް ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި ތާރީޚީ ދަތުރުތައް ކުރިއަށް ގެންދާނީ މޯލްޑިވިއަންގެ އެއަރބަސް އޭ330 މަރުކާގެ ބޯޓެއްގައެވެ. މިފަދަ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ އާބާދީއަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، މިކަން ހަގީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ހަރުދަނާ ވިސްނުންފުޅަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
For the first time in our history, an Umrah flight will depart directly from Gan International Airport tomorrow on @MaldivianAero ’s A330. This historic milestone brings greater convenience to the people of Addu and the southern region.
Sincere thanks to H.E. President Dr.…— Mohamed Ameen (@ameen3d) July 11, 2026
މާލެއަށް ދަތުރުނުކޮށް، އަމިއްލަ ސަރަހައްދުން ސީދާ މުޤައްދަސް ބިމަށް ދެވޭނެ މަގު ތަނަވަސްވުމުން، އާއިލާތަކަށް ހޭދަވާ ވަގުތާއި ފައިސާ ބޮޑުތަނުން ސަލާމަތްކުރެވޭނެއެވެ. ސަރުކާރުން މިހާރު ވެސް ދަނީ ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ވެސް އަޅުކަމަށް ފުރާ މީހުންނަށް ޚާއްސަ އައު ޚިދުމަތްތަކެއް ވަނީ ތައާރަފުކޮށްފައެވެ.
ޤައުމީ އެއަރލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތަކެއް ބާއްވާފައި ވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ކުރި އެ ފުރަތަމަ ދަތުރުގައި ވެސް 750 އަށްވުރެ ގިނަ މީހުން އުމްރާއަށް އުފުލިއިރު، އެ އަހަރުގެ ހައްޖު މޫސުމުގައި ވެސް މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހިން ސައުދީއަށް ގެންގޮސްދީފައިވެއެވެ. ފަހަކަށް އައިސް ޅަކުދިންނާއި ޒުވާނުން ހިމެނޭހެން މުޅި އާއިލާ އެކުގައި އުމްރާއަށް ދާ މިންވަރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.

