
ކުރީގެ މޭޔަރު ޝިފާ މުޙައްމަދުގެ މޭޔަރުކަމުގެ ދަށުން 2020ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ވަކި ވިޔަފާރިތަކަކަށް މާލީ ފައިދާތަކެއް ހޯދައިދީފައިވާކަން އެ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށް ކައުންސިލުން ވަނީ އަމަލުކޮށްފައެވެ. އެގޮތުން، ވާދަވެރި ބީލަމުގެ އުސޫލު ނައްތާލުމުގެ ބޭނުމުގައި، އެއްބަސްވުމެއްގެ ދަށުން އެއްކޮށް ކުރެވެން ހުރި ބޮޑެތި މަސައްކަތްތައް ކުދި ބައިތަކަކަށް ވަކިކޮށްގެން މަސައްކަތް ހަވާލުކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާން ހުރިކަމަށް ރިޕޯޓުގައި ބަޔާންކުރެއެވެ.
މި މައްސަލައިގެ ފުންމިން ދެނެގަތުމަށް ނެގުނު ސާމްޕަލްތަކަށް ބަލާއިރު، 35،000 ރުފިޔާއަށް ވުރެ އަގުކުޑަ 46 ޕޭމަންޓް ވައުޗަރެއް އޮޑިޓަރުން ވަނީ ތަހުގީގުކޮށްފައެވެ. ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގެ މި ސާމްޕަލްގެ ތެރެއިން، 23 މުއާމަލާތަކީ އެއްކޮށް ކުރެވެން ހުރި ޚަރަދުތައް ބައިބައިކޮށްގެން ކޮށްފައިވާ 656،162.45 ރުފިޔާގެ ޚަރަދެވެ. މީގެ އިތުރުން، އޭގެ ތެރެއިން 27 ވައުޗަރަކަށް ބޭނުންވާ ކޯޓޭޝަން ގެނެސްފައިވަނީ ސީދާ ގުޅުންހުރި ކުންފުނިތަކަކުންކަން ވަނީ ފަޅާއަރާފައެވެ. މިގޮތަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 732،043.86 ރުފިޔާއަށް އަރައެވެ. އޮޑިޓް ރިޕޯޓުގައި “ގުޅުންހުރި ވިޔަފާރިތައް” ކަމަށް ބަޔާންކޮށްފައި ވަނީ، އެއް ހިއްސާދާރުންތަކެއް ތަމްސީލުކުރާ ކުންފުނިތަކަށާއި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ހިންގާ އެކި ފިހާރަތަކުން ކޯޓޭޝަން ހޯދުމަށެވެ.
ކައުންސިލުން ގަވާއިދާ ޚިލާފަށް ބަހާލައިގެން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ލޮނުޒިޔާރަތް ޕާކާއި މާލޭގެ ބަސް ހުއްޓިތައް ހެދުމުގެ މަސައްކަތެވެ. ޕާކުގެ މަސައްކަތް ހަތް ފަރާތަކާ ހަވާލުކުރިއިރު، ބަސް ސްޓޮޕްތައް ހެދުން އަށް ބަޔަކަށް ވަނީ ބަހާލާފައެވެ. ހަމައެއާ އެކު، އާ ސަހަރާގެ ބައެއް މަސައްކަތްތަކާއި ވައިޓަލް ސެކްޝަންގެ އިތުރުން ލޭބަރ ކުއާޓަރ ހެދުން ވެސް އެކި ފަހަރު މަތިން ވަކިވަކިން ހަވާލުކޮށްފައިވެއެވެ.

